އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން އުޅެނީ ވަތަނީ ފިކުރާއި ހަރުކަށި ކަމާއެކު ރައްޔިތުންގެ ސިކުނޑިއަށް ސަވާރުވާން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިރޭ އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވަނީ އިދިކޮޅަށް ބަހުގެ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން، 2013 އިން 2018 އަށް ރައްޔިތުން ކުރި ތަހައްމަލްތައް އަދިވެސް ހަނދާން އެބަހުރި ކަމަށާއި، މިހާރުވެސް އަމަލު ކުރަނީ ހަމަ އެ ގާނޫނު އަސާސީއާއި ގަވާއިދުތަކަށް ނަމަވެސް އެ އަނިޔާވެރިކަން ނުފެންނަ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅުން އުޅެނީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލަން ކަމަށް ތުހުމަތުކުރައްވައި ނިޒާރު ވިދާޅުވީ، ޕީއެންސީގެ ރައީސްވެސް ހުންނަވައިގެން އެފަދަ ވާހަކަތައް ދައްކަވާތީ ކަންބޮޑުވާ ކަމަށެވެ. "ޕީއެންސީގެ ރައީސް ހިމެނޭހެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހަނގުރާމައަށް ނިކުންނަން ޖެހޭ ވަގުތޭ މިއީ. މިއީކީ ރާއްޖޭގެ ރައްޔިތުން ދެން އަޑުއަހަން ބޭނުން ވާހަކައެއް ނޫން" ނިޒާރު ވިދާޅުވިއެވެ.
އެގޮތުން، ނިޒާރު ވަނީ ގައުމިއްޔަތާއި ދީން ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅުން މަސައްކަތް ކުރާކަމަށް ބުނެފައެވެ. ޕީއެންސީގެ ވެރިކަމުގައި ކުރިންވެސް ރާއްޖެ ގެންދިޔައީ އެހެން މިސްރާބަކަށް ކަމަށާއި، ދެން އެ ބޭފުޅުންގެ ވެރިކަމެއް އަޔަސް ކަންތައް ވެގެންދާނީ އެހެން ކަމަށް ނިޒާރު ވަނީ ތުހުމަތުކުރައްވާފައެވެ. ނިޒާރު ވިދާޅުވީ، މުއިއްޒު މަސައްކަތް ކުރައްވަނީ ދެ މޫނަކާއެކު ކަމަށާއި، ދެން އަންނަ ދައުރެއްގައި މުއިއްޒު އިންތިހާބުވެއްޖެނަމަ ޕާޓީގެ އެތެރޭގެ ކޯޅުންތަކާއެކު ރައްޔިތުންގެ މުހުތާދު ނުފުއްދި ދައުރު ނިމިގެންދާނެ ކަމަށެވެ.
މީގެއިތުރުންވެސް، ނިޒާރު ވަނީ މުއިއްޒު 7 އަހަރު މިނިސްޓަރު ކަމުގައި ހުންނަވައިގެން އައްޑޫއަށް އެއްވެސް ކަމެއް ނުކޮށްދެއްވާކަމަށްވެސް ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. ކުރި ހަމައެކަނި ކަމަކީވެސް 300 މީޓަރުގެ ކުޑަކުޑަ މަގެއްގައި ތާރު އެޅުން ކަމަށާއި ދެންވެސް އައްޑޫއަށް ހެޔޮއެދޭ ސިޔާސަތެއް މުއިއްޒުގެ ނުހުންނާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގައި ނިޒާރު ވިދާޅުވީ، މި ދައުރުގައި އައްޑޫ އަށް ގެނައި އިންގިލާބީ ބޮޑު ބަދަލެއް ކަމަށެވެ. އަދި، އެމްޑީޕީގެ އަމާޒަކީ މުޅި ސައުތު އޭޝިއާގެ އެންމެނަށް ތަރައްގީގެ މިސާލަކަށްވާނޭހެން އައްޑޫ ތަރައްގީކުރުން ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.