ފިތުނަވެރި އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ގެއްލުން ލިބޭ!

big_gicJHVf1TOZKzoctr1mh8Uqlw

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ފިތުނަވެރި ކެމްޕޭނެއް ކަމަށާއި އެކަމުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ގެއްލުން ލިބޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ސަރުކާރުގެ ފަރާތުން ރައީސް އޮފީސް ތަރުޖަމާނު މިއުވާން މުހައްމަދު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ބައިވެރިވެވަޑައިގެން ވަނީ އިންޑިއާ އައުޓް ކެމްޕޭނާއި ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކާފައެވެ. އެގޮތުން، ދެ ބޭފުޅުންވެސް ވަނީ އެއީ މިސްއިންފޮމޭޝަން ކެމްޕޭނެއް ކަމަށާއި އޭގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމުން، ހާރިޖީ ގުޅުންތަށް ވަރަށް މުހިންމެވެ. އެކި ސަބަބުތަކަށްޓަކައި ދިވެހިން ގިނަ އެހެން ގައުމުތަކަށްވެސް ވަރަށް ގިނައިން ދަތުރުކުރެއެވެ. ވިޔަފާރީގެ ގުޅުންތައްވެސް ގިނަ ގައުމުތަކާއެކު އުފެދިފައިވާއިރު، ތައުލީމަށައި ސިއްހީ ބޭނުމަށްވެސް ދިވެހިން އެހެން ގައުމްތަކަށް ދަތުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވީ، "ދިވެހިރާއްޖެއަށް މުހިންމު ހުރިހާ ގައުމަކާއެކުވެސް ގާތް ގުޅުމެއް ބޭއްވުން. އަޅުގަނޑުމެން ހިފަހައްޓަމުން މި އަންނަ ސިޔާސަތަކީ އިސްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާއިވެސް ގާތް ގުޅުމެއް ބޭއްވުން" ކަމަށެވެ.

އިދިކޮޅުން ބަޔަކު ނިކުމެ ފިތުނަވެރިވާހަކަތަކެއް ދެއްކުމަކުން އަދި ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭ ކުރިއެރުމަށް ހުރަސް އެޅުނަ ނުދޭނެކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ ކުރިމަތީގައިވެސް ރާއްޖޭގެ އިމޭޖު ހުތުރު ކޮށްލަނީ ކަމަށާއި، "ހަގީގަތް އޮޅުވާލައިގެން އެގޮތުގެ މަތީގަ ޑިމޮކްރަސީ ބިނާ ކުރާކަށް ފުރުސަތެއް ނުދޭނަން" ކަމަށެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫއަރާގޮތަށް އިދިކޮޅުން އަމަލުކުރާކަން މިއުވާންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، މިއުވާން ވިދާޅުވީ ކަނޑައެޅިގެން ދޮގު ހަބަރު ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށެވެ. ބައެއް ކަންތައްތައް މިސާލެއްގެ ގޮތުންވެސް ނެންގެވިއެވެ.

"ޓްވީޓް (ލިޔެ) ނިމެންވާއިރަށް މިނިވަންކަން ނިމިފަ އޮންނަހެން" ހީވާ ގޮތަށް ބައެއް ބޭފުޅުން ޓްވީޓް ކުރައްވާ ކަމަށާއި. ވެލާނާ އެއާޕޯޓް ތެރެއިން ބޭރުގެ ސިފައިންގެ މީހަކު ހިނގާފައިދާތަން ދޭތެރެއަކުން ޓްވީޓް ކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި، ކުރީގެ ފޮޓޯއެއްވެސް މިއަދުހެން ހީވާ ގޮތަށް ޓްވީޓް ކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އޮތް އެއާކްރާފްޓް ޕާސަނަލް އަކީ ބަދަލުވާ ބައެއް ކަމުން އެ ބޭފުޅުން ވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުންގެ ފޮށިތަކުގައި ހުރީ ހަތިޔާރުކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ. އެއީ ހަތިޔާރު ކަމަށްވާނަމަ އެ ބޭފުޅުން ރައީސް ޔާމީންގެ ދައުރުށްސުރެ ރާއްޖޭގެ ސިފައިންނަށް އެހީވަމުން އަންނައިރު، އެ ހަތިޔާރު ބަހައްޓާތަނެއް ފުރާ ބަރުވެގެން ފެންނާނެކަމަށެވެ.

މީގެއިތުރުންވެސް، މިއުވާން ވިދާޅުވީ، އިންޑިއާގެ އެމްބެސެޑަރުގެ ކާރުކޮޅު ސިފައިންގެއަށް ވަންނަ ފޮޓޯ ޓްވީޓް ކުރައްވާ ބޭފުޅުންނަށް އެއީ ޕްރޮޓޮކޯލްކަން ހަމަ ރަނގަޅަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ސިފައިންގެ މައި މަރުކަޒަކީ ޑިފެންސް މިނިސްޓަރުވެސް އިންނަވާ ތަނަށްވެފައި، ޑިފެންސް އެގްރީމެންޓްތަކާއި ގުޅޭ ގޮތުންވެސް އަބަދުވެސް މަޝްވަރާތައް ކުރިއަށް ދެއެވެ. އެފަދަ ބައްދަލުވުމަކަށް ގޮވާލުމުން އެމްބެސެޑަރު ކާރުކޮޅުގައި ވަޑައިގަތުމަކީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި އެމްބެސެޑަރުންނަށްވެސް އެ ގައުމުތަކުން އަމަލުކުރާގޮތް ކަންވެސް ނިޒާރުއާއި މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުންވެސްވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ކުރިން އިތުރަށް ޗެކް ކުރުމަށް ރައްޔިތުންގެ އަރިހުން އެދިފައެވެ. އަދި، މިފަދަ މިސްއިންފޮމޭޝަން ކެމްޕޭންތަށް ކާމިޔާބުވެދާނެކަމަށް ކުރިން ގަބޫލުނުކުރެވުމަކީ ސަރުކާރަށް ހެދުނު މިސްޓޭކެއް ކަމަށްވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *