ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ރައީސް މުހިންމު ނިންމެވުންތަކެއް ނިންމަވައިފި

big_aKKFXbVLAEPyDSYWQ48lyjgwV

ސިއްހީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކުގެ އިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް ސޯލިހު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައި ކަމަށެވެ.

ރައީސް ސޯލިހުގެ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން، ނަރުހުން، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުކުރެއްވޭތީއާއި، ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށާއި، އެގޮތުން، 1 މޭ 2023 ގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، މިނިސްޓްރީއޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފައި ކަމަށް މިއުވާން ވިދާޅުވިއެވެ.

"މީގެ އިތުރުން މިއުވާން ވިދާޅުވީ، ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާކުރެއްވުމާއެކު، ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު، މި މައްސަލަތަކަށްވެސް ރައީސް ވަނީ ހައްލެއް ހޯއްދަވާފައި. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމާއި، ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައި. އަދި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށްވެސް މިއަދު ވަނީ ނިންމަވާފައި" ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވިއެވެ.

ހަމަމިއާއެކު 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ފާހަގަވެފައިވާ 9 ނަރުހުންގެ މައްސަލަ ހައްލުކުރުމަށްވެސް ވަނީ ނިންމަވާފައިކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، މިއަދު ނިންމަވާފައިވާ އިތުރު ކަމެއްގެ ގޮތުން މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތު ކުރުމަށްފަހު ކުރިން ތިބި މަޤާމަށް ބަދަލުކުރުންވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، 1 މޭ 2022 ގައި ޢަމަލުކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކޮށް ހުށަހަޅުއްވާފައިވާ ޕެޓިޝަން ރައީސް އޮފީހުން ދިރާސާކުރައްވައި މިކަމާގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ ވަނީ މަޝްވަރާ ކުރައްވާފައި ކަމަށާއި، އަދި މި މަޝްވަރާތަކުގެ އަލީގައި، ދައުތަލުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑުގެ 7 ވަނަ މާއްދާގެ (ހ) ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ވަނީ ނިންމާފައި ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެހެންކަމުން، މިއުވާން ވިދާޅުވީ، ގަނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސަވިސް ކޮމިޝަނަށް ރައީސް އޮފީހުން މިއަދު ވަނީ  އަންގަވާފައި ކަމަށާއި، އަދި މި ނިންމެވުންތަކާއެކު ނަރުހުންނާއި، ޑަކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *