ސަރުކާރުގެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދެވި ދިވެހިންގެ ގައުމިއްޔަތާއި މިނިވަންކަން ދިފާއުކުރުން: ރައީސް

320242_d337585d-1_ (1)

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ހިތާބު ފަށްޓަވަމުން ވަނީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، އަރިސްކުރައްވާފައެވެ. އަދި ގައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސްގެ ޚިޠާބުގައި ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ހިމެނޭގޮތުން ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުންކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަން ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *