ހާފްޓައިމްގައި ރަނގަޅަށް ރާވާލެވިއްޖެ، ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބުކުރާނަން: ރައީސް

IMG_9535

ދެވަނަ ބުރަށް ކަންކަން ރަނގަޅަށް ރާވާލެވިފައިވާ ކަމަށާއި، އަދި ދެވަނަ ބުރު ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ނިކުމެ މިތިބީ މެޗަކަށް ކަމަށާއި، މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ކުރީގައި އޮތީ އިދިކޮޅު ޓީމު ކަމަށެވެ. ނަމަވެސް ފުރަތަމަ ހާފްގައި ދަށްކޮށް އޮތަސް ދެވަނަ ހާފްގައި ބޮޑު ތަފާތަކުން މޮޅުވެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފްގައި 1-3 ނުވަތަ 1-4 ގެ ނަތީޖާއަކުން ބަލިވޭ. އަޅުގަނޑުމެން ނިކުމެ މިތިބީ އެގޮތަށް ބަލާނަމަ 1-3 ގެ ތަފާތަކުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފްގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި 2-5 ނަތީޖާއަކުން މެޗު ކާމިޔާބުކުރާނަން. ދެވަނަ ބުރުގައި ކުޅޭނެ ގޮތް ރާވާވެސް ލެވިއްޖެ. ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން އިތުރުކޮށްފިން. ދެން އަޅުގަނޑުމެން ކުޅޭނީ އެޓޭކް މޯޑުގައި. ގޯލަކަށް ފަހު ގޯލެއް ޖަހަމުންދާނީ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އުފެއްދުމުގައި އުޅުއްވި ބޭފުޅުން ޖަލްސާތަކުން ފެންނާތީ ހިތްހަމަޖެހުން ލިބޭ ކަމަށާއި، މިހާރު އޮތް ހަމަޖެހުން ގެއްލި އަނިޔާވެރިކަން އިއާދަވުމަށް ނޭދޭ ގިނަ ބަޔަކު ނިކުމެފައިވާ ކަމަށެވެ.

ފުރަތަމަ ބުރުގައި ވޯޓުލުމުގައި ފަރުވާކުޑަކުރެވުނުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިފަހަރު ރީ-ރަޖިސްޓްރޭޝަންގެ ކަންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައި، އެއަށްފަހު ޓީމުތައް ގޮވައިގެން ގޭގެއަށް ގޮސް ދޮރުން ދޮރަށް ހިނގައި، މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *