ރިޔާސީ އިންތިހާބާ ގުޅުވައި ސްޓެލްކޯއާ ބެހޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް!

Stelco

ރިޔާސީ އިންތިހާބާ ގުޅުވައި ސްޓެލްކޯއާ ބެހޭގޮތުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެ ކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.

މިގޮތުން ސްޓެލްކޯއިން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މިހާތަނަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"ރިޔާސީ އިންތިޚާބާއި ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13″ އިން މިކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައި. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، މިކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަޑާލަން އުޅޭ ކަމަށްބުނެ ބުހުތާނު ދޮގު ޚަބަރުތައް ދަނީ ފަތުރަމުން. މި ދެންނެވި ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން. ބިނާކުރަނިވި ފާޑު ކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔަން. އެހެން ނަމަވެސް، ފަޚުރުވެރި ދިގު ތާރީހެއް އޮތް މި ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ދަންނަވަން" ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނުގައި ބުނިއެވެ.

މީގެއިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، ސްޓެލްކޯއާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *