ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.
އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަން އަދި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގެ އޭރިއާ ސީ އަދި ޑީ ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާއިރު، މިހާރު ފެށިފައި ވަނީ އޭރިއާ ބީ(B) ގެ ބިންހިއްކުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ ތެރެއިން އެރިއާ އޭ އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ ބީ އިން 39.6 ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މީގެ އިތުރުން އޭރިއާ އީ އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު، އޭރިއާ އެފް އިން 0.73 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުން. އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންޤިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނޭ. އަދި މީގެ އިތުރުން މާލެ ސަރަޙައްދު ތަރައްޤީކުރުމަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް. ހަމަ މިއާއެކު އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓައް ބަދަލުކުރުމުން މުޖަތަމަޢަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުޑަކުރެވިގެންދާނެ" އާބަންކޯއިން ބުނެއެވެ.
މީގެއިތުރުން އާބަންކޯއިން ބުނީ، ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި، އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިޞާދީ ގޮތުން އިންޤިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.