ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޯނާއި އެހީ ނުލިބުނީ ހަރުދަނާ ހާރިޖީ ސިޔާސަތެއް ނެތުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާފަންނުގައި ކުރިޔަށްދިޔަ އުފާވެރި އަމާންރާއްޖެ ކަންމަތީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ކުރީގެ ސަރުކާރަށް ލޯނާއި އެހީ ނުލިބުނީ އެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށާއި، ބޭރު ދުނިޔެއާ އެކަހެރިވެ ކުރީ ސަރުކާރުން ގައުމުތަކާ އޮތް ކަނޑާލުމުން އޭގެ އަސަރު ކުރި ކަމަށެވެ.
ނަމަވެސް މި ސަރުކާރުގައި އޮތް ހަރުދަނާ ހާރުޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއާ އޮތް ގުޅުން އިތުރުވެ މިހާރު ރާއްޖެއަށް ފައިސާ ދޭނެ އެތައް ގައުމެއް އެބަތިބި ކަމަށާއި، އަދި މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ދެނީ އެ އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ލޯނާއި އެހީތައް ލިބޭތީ އެވާހަކަ ދައްކަވާއިރު ކުރީގެ ސަރުކާރަށް އެކަން ނުކުރެވުނީ ހާރިޖީ ސިޔާސަތުގެ ސަބަބުން. ކޮމަންވެލްތާއި ގަތަރާއެކު އޮތް ގުޅުން އެބޭފުޅުން ކަނޑާލައްވާ ތިބީ ދުނިޔެއާ އެކަހެރިވެގެން އަދި މާލީ އިދާރާތަކާ އޮތް ގުޅުންވެސް ކުޑަ. އަޅުގަނޑުމެންނަށް މި އިންތިހާބު ގެއްލިއްޖެނަމަ ރާއްޖެ ބަނގުރޫޓްވާތަން އެބަ ފެނޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތުން ނިކުމެ ތިބީ އަނިޔާވެރިކަމަށް އަނބުރާ ނުދިޔުމަށް ކަމަށާއި، އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ ވެއްޓޭ އަަނދަވަޅާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަށް ނޭދޭ އާ މޫނުތަކެއްވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މެމްބަރުންގެ އަދަދު މަދުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ދެވަނަ ބުރުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނެރުމަށް މަސައްކަތްކޮށް، ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުތް ސަބަބު އޮޅުން ފިލުވައި ވާހަކަ ދައްކަމުންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.