ނަޝީދާއި ބައްދަލު ނުކުރަން ޔާމީނު ނިންމީ މުއިއްޒުގެ އެންގުމަށް!

IMG_1825

ބަރުލަމާނީ ނިޒާމުގެ މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދަށް ބައްދަލު ނުކުރެވުނީ އެކަން ނުކުރުމަށް ރައީސް ޔާމީނަށް ޕީޕީއެމް – ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަންގާފައި އޮތުމުން ކަން ހާމަވެއްޖެއެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރުގެ ކުރިން ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކަމާއި ގުޅޭ ހުށަހެޅުމަށް ރަސްމީކޮށް އެމްޑީޕީއަށް ހުށަހަޅާފައިވާއިރު، އެފަދަ ހުށަހެޅުމެއް ނުރަސްމީކޮށް ޕީއެންސީއަށްވެސް ހުށަހެޅިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ފަރާތުން އެ ހުށަހެޅުމާއި ދެކޮޅު ހެދުމުން، ރައީސް ނަޝީދު އަންނަނީ ރައީސް ޔާމީނާއި މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޔާމީނާއި ބައްދަލުކުރުމަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވަނީ ހޯމް މިނިސްޓްރީގައިވެސް އެދިފައެވެ. އަދި، އެ މިނިސްޓްރީއިން ވަނީ އެ އިންތިޒާމުތައް ހަމަޖައްސައިވެސް ދެއްްވާފައެވެ. އެހެންނަމަވެސްް، އެ ބައްދަލުވުން ނުބޭއްވުނީ ރައީސް ޔާމީންގެ ފަރާތުން އެކަމަށް އިއުތިރާޒު ކުރައްވާތީއެވެ.

ރައީސް ޔާމީން އަރިސް ޕީޕީއެމްގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ ބައްދަލުވުމަށް ހުރަސް އެޅުއްވީ ޑރ. މުއިއްޒުގެ އޯޑަރަށް އަބްދުއްރަހީމް އަބްދުﷲއެވެ. އެގޮތުން، ނަން ނުޖެހުމަށް ޝަރުތުކޮށް އެ އޮފިޝަލު ވިދާޅުވީ، ރައީސް ނަޝީދާއި ބައްދަލުކޮށްގެން ބަރުލަމާނީގެ މަޝްވަރާ ކުރުމަކީ އިންތިހާބަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިސްނައިދެއްވި ކަމަށެވެ. އެހެންނަމަވެސް، ޑރ. މުއިއްޒުގެ ހަގީގީ މަގްސަދަކީ، އިންތިހާބު ވެއްޖެނަމަ ޕާޓީއާއި ވެރިކަމުގެ ކޮންޓްރޯލް ގެއްލިޔަ ނުދިނުން ކަމށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެ މަޝްވަރާތައް ކުރިއަށްދާނަމަ ޑރ.މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިޔަސް ރައީސް ޔާމީން މިނިވަން ނުވެދާނޭ ކަމުގެ ނިޝާނެއް ދެއްވާފައިވާ ކަމަށެވެ. އަދި މިކަން ރައީސް ޔާމީންގެ ވަރަށް އަރިސް ބައެއް ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށާއި، މިވަގުތަށް ކެމްޕޭނު ކޮށްދިން ނަމަވެސް ރައީސް ޔާމީން މިނިވަންވުމާއެކު ޑރ. މުއިއްޒުއަށް ފިއްތުންތައް ކުރިމަތި ކުރަން ފަށާނެ ކަމަށެވެ.

"ޑރ. މުއިއްޒު ހަގީގަތުގައި އެ ހުންނެވީ ޕީޕީއެމްގެ ސިސްޓަ ޕާޓީއެއްގައި. އެއީ ކުޑަ ޕާޓީއެއް. ރައީސް ޔާމީން މިނިވަން ވުމާއެކު ސަރުކާރުގައި އޮންނާނެ އެންމެ ބޮޑު ޕާޓީއަށް ވާނީ ޕީޕީއެމް. ލީޑަރަކީ އެމަނިކުފާނު" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރެވޭނީ އެމަނިކުފާނާއި މަޝްވަރާ ކުރެވޭނޭ ގޮތެއް ހަމަޖެހުމުން ކަމަށެވެ. ނިޒާމީ ވޯޓަކަށް ތާއީދުކޮށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ މިއަދު މަޖިލީހުގައި ވާހަކަދައްކަވާފައެވެ.

ރިޔާސީ އިންތިހާބަށް އިއުލާން ކުރި ފަހުން، ޕީޕީއެމް-ޕީއެންސީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގައި ޝިޔާމް ހުންނެވީ ރައީސް ޔާމީން ފަޅީގައެވެ. ޑރ. މުއިއްޒުއަށް ސެނެޓު ވޯޓު ކާމިޔާބު ވިޔަނުދިނުމަށް އޭރު ޝިޔާމް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޑރ. މުއިއްޒު އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވުމަކީ ރައީސް ޔާމީން އެންމެ އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *