ގާނޫނުއަސާސީން ރައްޔިތުންނާ ކަށަވަރުކޮށްދޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރަން މުޅިން އާ މުއައްސަސާއެއް އުފައްދާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ޖީހާން ސޯޝަލް މީޑިއާގައި ވިދާޅުވީ، ހައްގުތައް ކަށަވަރު ކުރުމުގެ ނަމުގައި މުއްސަސާއެއް އުފައްދަވަން ޑރ.މުއިއްޒު މަސައްކަތް ކުރައްވަނީ އެޗްއާރްސީއެމްގެ ބާރު ކަނޑުވާލުމަށް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން ހައްގުތައް ކަށަވަރު ކުރުމަށް އާ މުއައްސަސާއެއް އުފެއްދުމަކީ އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލްޖީއޭގެ ބާރު ކަނޑުވާލަން އުޅޭ ގޮތަށް ކުރާ ކަމެއް ކަމަށްވެސް ޖީހާން ވަނީ ވިދާޅުވެފައެވެ.