ކަރަންޓް ބިލަށް ލުޔެއް ގެނައުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއެއްގެ ކަރަންޓް ރޭޓު ފްލެޓް ރޭޓުން ނަގާ ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ހުވަދޫ މާލެ ޖަގަހައިގައި ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ލިބޭ އާމްދަނީން ކުލި އާއި ކަރަންޓް ބިލް ދައްކާފައި ދިރިއުޅުމުގެ ކަންތައް ހަމަނުޖެހޭ ކަމަށާއި، ކަރަންޓް ބިލަށް ލުޔެއް ހޯދައިދިނުމަށް އެދެމުންދާތީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މިހާރު ވާ ގޮތަކީ ކަރަންޓް ބިލުގެ ވަކި ރޭޓުތަކެއް ހުންނަނީ. ވަކިވަރަކަށް ވުރެ ގިނައިން ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުން މި ދަނީ. ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގަން ފެށުމާއެކު ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެނެއް ނުދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މި ނިންމެވުމާއެކު ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް މިވަނީ ހައްލުތަކެއް ލިބިގެން ގޮސްފައެވެ. މިގޮތުން ކަރަންޓް ބިލް ބޮޑުވާ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.