އިލްހާމެގެ ތުހުމަތެއް: މުއިއްޒު ވެރިކަމެއްގައި ރެޑްވޭވް ސަލީމަށް ޕީޕީއެމް ޓިކެޓެއް ނުލިބޭނެ

IMG_1149

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ޕީޕީއެމްގެ ޓިކެޓު ނުލިބޭނޭކަމަށް ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ މިރޭ މާވެޔޮމަގުގައި ހުންނަ ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި އިލްހާމްވަނީ ޕީޕީއެމްގެ އިސް ފަރާތްތަކުން އެމަނިކުފާނާއި ހިއްސާ ކޮށްފައިވާ ބައެއް ވާހަކަތައް ހާމަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ކޯލިޝަން ތަމްސީލުކުރާ މެންބަރުން ތިބީ ދެ ފަރާތަކަށް ބެހިފައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

މީގެ ދެރޭ ކުރިން ޕީޕީއެމްގެ ބައެއް އިސްފަރާތްތަކާއި ކިންގްސް ކޯނަރގައި އިލްހާމް ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުންވަނީ "ކަޓުވާލާނެ މެންބަރުންގެ ލިސްޓެއް" އެކުލަވާލާފައި ކަމަށެވެ. އިލްހާމް ވިދާޅުވީ އެ ބޭފުޅުންނަށް އެމްޑީޕީއިން ޖާގަ ލިބޭނެ ކަމަށެވެ. "އޭދަފުށި ދާއިރާގެ މެންބަރުވެސް މިކަމާއި ގޮތެއް ނިންމަވާ" އިލްހާމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އަދި ބައެއް ބޭފުޅުންގެ ނަން ހާމަކުރައްވާނެ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

"ކަޓުވާލަން އޮތް ލިސްޓެއް ހާމަކުރާނަން. ޕީޕީއެމްއަށް މާ ފަސޭހަ ނުވާނެ މި ވާހަކަ އަޑުއަހާކަށް. ޕީޕީއެމް އިސްވެރިން ކިންގްސް ކޯނަރގައި ދެއްކި ވާހަކަ ތަފްސީލު ގެނެސްދޭނަން. ދެއްކި ވާހަކައިގަ އޮތީ ބިރުވެރިކަމާއި ނާމާންކަން. މީހުން ހިފާ ހައްޔަރު ކުރުން. އަޅުގަނޑަ އޮފަރ ކުރި ބޮޑެތި މަގާމްތައް. އަޅުގަނޑު ބުނިން ސޮރީއޭ" ބިރުވެރިކަމާއި ނާމާންކަމަށް އެނބުރި ދާން ބޭނުންނުވާކަން ހާމަކުރައްވަމުން އިލްހާމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މުއިއްޒު ގެނެސްފިއްޔާ ރާއްޖޭގެ ތާރީހު ނުދެކޭފަދަ ނިކަމެތި ލިބޭނެ ކަމަށް ވިދާޅުވެ އިލްހާމް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއެކު ޑރ. މުއިއްޒުއާ ދެމެދު ނުތަނަވަސްކަން އުފެދޭނޭކަން ފާހަގަކުރައްވާފައެވެ. "ބޮސް ގެއަށް ވަޑައިގަތުމަށްފަހު ކަންތައް ވާނެ ގޮތް ވިސްނަވާ" އިލްހާމް ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވެރިކަމަށް ގެނައުމަކީ ރައީސް ޔާމީންއަށްވެސް އެންމެ ރަނގަޅުގޮތް ނޫންކަން ފާހަގަކުރައްވަމުން އިލްހާމް ވިދާޅުވީ، އެމަނިކުފާނުގެ ލެގަސީ ދަމަހައްޓައި ސިޔާސީ ހަޔާތް އަދިވެސް ބޭނުންނަމަ އޮތް ހަމައެކަނި ގޮތަކީ ރައީސް ސޯލިހަށް ވޯޓު ދެއްވުން ކަމަށެވެ.

މި ޖަލްސާގައި އިލްހާމް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. "މި ރާއްޖޭގައި ނާމާން ކަޅު އަދިރި ދުވަސް ނުގެނައުމަށް" އެ ނިންމުން ނިންމަން ޖެހުނީކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވަނީ 2008-2018 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *