މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދޭނަން: ރައީސް

IMG_1899

މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދެއްވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ކުރިޔަށްދިޔަ އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގައި އުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްތަކުގެ މީހުންނަށް އުތުރު ތިލަފަޅުންވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މާލޭގާއި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބިން މިލްކު ކުރެވޭ ބޯހިޔާވެހިކަމުގެ ސްކީމެއް މިރޭ ހުޅުވާލެވޭނެ. އެ ސްކީމުގައ މާލޭގެ ރައްޔިތުންނާއި، މާލޭގައި އުޅޭތާ 20 އަހަރުވެފައި ތިބި މީހުންނާއި ދަފްތަރުގައި ތިބި މީހުންނަށް ގޯތި ލިބޭނެ. ސްކީމްގެ ދަށުން އުތުރު ތިލަފަޅުންވެސް ގޯތި ދޭނަން. އެތަނުގައި ދިރިއުޅޭނީ ބޭރު މީހުންނެއް ނޫން. މާލެއިން ވިލިމާލެއަށް. ގުޅީފަޅުން ތިލަފުއްޓަށް ތިލަފުށިން ގިރާވަރު ފަޅަށް އަދި ގިރާވަރު ފަޅުން އުތުރު ތިލަފަޅަށް ބްރިޖުން ގުޅިގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހިން އުފާވެރި އަމާންރާއްޖެއަކަށް ގެންދިޔުމަށް ކުރާ މަސައްކަތުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ފުރުސަތުތައް މި ސަރުކާރުން ދާނީ ހޯދައިދެމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *