ޝާހިދު ކިޔައިދިނީ ފިތުނަ ދޮލަގަށް ލައިގެން އިދިކޮޅުން ވިއްކާ އެއްޗެހީގެ ހަގީގަތް!

IMG_1857

އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން އަބަދުވެސް ކުރާކަމަކީ ބޮލަށް ދޮލަނގެއްލައިގެން، އެއަށް ފިތުނަ ލައިގެން އެ ވިއްކުން ކަމަށް ވިދާޅުވެ، އެ ބޭފުޅުން ވިއްކަވާ ފިތުނައިގެ ހަގީގަތް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

މިރޭ ސޯސަން ޖަގަހައިގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިރޭގެ ޖަލްސާގައި، ގާސިމްގެ ރަނިންގ މޭޓު ހިމެނޭހެން ޖޭޕީގެ އިސް ގިނަ ފަރާތްތަކެއްވަނީ އެމްޑީޕީއާ ގުޅިފައެވެ. އެކަމާއި ގުޅުވައި ޝާހިދު ވިދާޅުވީ، އިދިކޮޅަކީ ބަޔަކު ގުޅެން ބޭނުންވާ ބައެއް ނޫންކަމަށާއި އެ ބޭފުޅުންގެ ކަމަކީ ބޮލަށް ފިތުނަ ދޮލަގެއް ލައިގެން ފިތުނަ ވިއްކުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، ފިތުނަ ދޮލަނގުގައި އެންމެ ފުރަތަމަ އޮތް އައިޓަމަކީ އިންޑިއާ ކަމަށެވެ. މި ސަރުކާރުގައި ރާއްޖެ ގެނައި ދެ ހެލިކަޕްޓަރު ކަމަށް ސިފަކޮށް އިދިކޮޅުން ވިއްކަވާ ފިތުނައިގައި ބައެއް ރައްޔިތުން ޖެހުނު ނަމަވެސް، އެއީ ހަގީގަތެއް ނޫންކަމަށާއި، ޖޭޕީގެ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަކީ އޭގެ ހެއްކެއް ކަމަށެވެ. ދެ ހެލިކަޕްޓަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ފުރަތަމަ ހެލިކަޕްޓަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ގެނެވުނު ހެލިކަޕްޓަރެއް ކަމަށެވެ. ދެވަނަ ހެލިކަޕްޓަރު ގެނައީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ.

“އެހެންވީމާ މި ދެ ހެލިކަޕްޓަރު ގެނައުމާ ރައީސް ސޯލިހުގެ ސަރުކާރަކާއި އެއްވެސް ގުޅުމެއް ނެތް” ޝާހިދު ވިދާޅުވިއެވެ. 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް މި ދެ ހެލިކަޕްޓަރުން ދިވެހިންނަށް އެތައް ހިދުމަތްތަކެއް ދިޔައީ ފޯރުކޮށްދެމުންނެވެ. ޝާހިދު ވިދާޅުވީ، އެ ހެލިކަޕްޓަރުތައް ގެނައުމަށް ސޮއި އަޅައި އެކަން ކުރީ އެހެން ސަރުކާރުތަކުން ކަމަށާއި، އަދި އޭރުވެސް އެކަން ކޮށްފައި ހުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ މިނިވަންކަމަށް ގެއްލުމެއް ނުލިބޭނޭ ހެން ކަމަށެވެ.

ފިތުނައިގެ ދޮލަނގުގައި ކުރިން އޮތް އައްޑޫ ޕޮލިސް އެކެޑަމީގެ ވާހަކަވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެތަން ހަދަމުންދިޔައިރު އެއީ އިންޑިއާ މިލިޓަރީ ބޭސްއެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރަމުން ދިޔަ ކަމަށާއި އައްޑޫ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ރޯ ބުހުތާނު ދޮގު ހަދަމުންދިޔަ ކަމަށެވެ. އެތަނަކީ ރައީސް ވަހީދުގެ ސަރުކާރުގައި، ޑރ. ޖަމީލު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ސޮއި ކުރި އެގްރީމެންޓެއްގެ ދަށުން ހެދިތަނެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ސަރުކާރު ބޮލުގައި އަޅުވަމުންދިޔަ ދޮގުތައް މިހާރު އެހުރީ ހާމަވާން ކަމަށެވެ. ފޮލިސް އެކެޑަމީ ބޭނުންކުރަނީ ދިވެހި ފުލުހުންގެ ތަމްރީންތަކަށެވެ.

މީގެއިތުރުންވެސް، އިދިކޮޅުން މިހާރު އެންމެ ބާރަށް ދައްކާ އުތުރުތިލަފަޅުގެ ވާހަކައަށްވެސް ޝާހިދު ވަނީ އަލިއަޅުއްވާލައްވާފައެވެ. ޝާހިދު ވިދާޅުވީ، އުތުރުތިލަފަޅުގައި ހަދާ އެމްއެންޑީއެފް ކޯސްޓް ގާރޑްގެ ބަނދަރުގެ މަސައްކަތަކީ 2016 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއި ކުރި ޑިފެންސް އެކްޝަން ޕްލޭންގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް ކަމަށެވެ. އެތަނުގައި އެއާޕޯޓެއް ހަދާވާހަކަވެސް އެ ޕްލޭންގައި އޮތް ކަމަށާއި އެ އެގްރީމެންޓް ތަކުގައި ސޮއި ކޮށްފައިހުރީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަން ޕާޓްނަރު (ކާނަލް) ނާޒިމް ކަމަށެވެ. ޝާހިދު ވިދާޅުވީ، މި ސަރުކާރުން އެ އެގްރީމެންޓްގައި ހުރި ބައެއްކަންކަން އުނިކޮށް، ރާއްޖޭގެ ފުރިހަމަ ބާރު ހިނގާނޭކަން ކަށަވަރުކުރެއްވި ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް މި ސަރުކާރުން އަމަލުކުރާކަމަށް އިދިކޮޅުން ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން ނުރުހުންވެ ޝާހިދު ވިދާޅުވީ، މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭގެ އަތޮޅުތައް ވިއްކާލަން ނިންމީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އެ އިސްލާހު އުވާލީ މި ސަރުކާރު އައިސް ރައީސް ސޯލިހުއެވެ. ޝާހިދު ވަނީ އިދިކޮޅުން ވިއްކާ ފިތުނައިގައި ނުޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *