އެމްއެންޑީއެފްގެ ހުއްދަ ނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފް ސަރަހައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން މިއަދުގެ ވަގުތެއްގައި އަރަން މަސައްކަތްކުރީ ގަވައިދާ ހިލާފަށް ކަމަށާއި، އެކަމުގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑިއެފް އިން ބުނީ، އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި، އެ ފަޅުގައި ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިޔާއެއް ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ރޭ އިއުލާން ކޮށްފައި ވަނިކޮށް ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑިއެފްގެ މަރުކަޒަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއް ކަމަށް ދެކޭތީ އެކަމުގައި ހިމެނޭ ފަރާތްތަކާމެދު ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށް އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.
"އުތުރުތިލަފަޅުގައި އެމްއެންޑިއެފް އިން ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށް ފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައި ވަނިކޮށް، މިގޮތަށް ހުއްދަ ހޯދުމެއް ނެތި އެރަށް އަރަން އުޅުމަކީ ގާނޫނާއި ގަވައިދާއި ހިލާފު ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔާތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
އެމްއެންޑިއެފް އިން ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބަށް ހުރަސްއެޅޭ ފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށާއި، ސިފައިންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.