ގޯތި ރަޖިސްޓްރީ ނޮވެމްބަރު 5ގެ ކުރިން ހަވާލުކުރާނަން: ރައީސް

IMG_2320 (2)

މި ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށްވެސް، ގޯތީގެ ރަޖިސްޓްރީ މި ދައުރު ނިމުމުގެ ކުރިން ހަވާލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ނިކުތީ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާއިރު، މިހާރުވެސް ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރެވެމުންނެވެ. ރައީސް ވިދާޅުވީ، މާލޭ ސަރަހައްދުން ގޯތި ދިނުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ.

ބޯހިޔާވަހިކަމަކީ މި ސަރަހައްދަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލައަށްވާއިރު، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިިންވެރިޔާ ސްކީމް އިއުލާން ކުރުމާއެކު ވަރަށް ގިނަ ދޮގު އިދިކޮޅުން ހަދަމުން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ގޯތިބަހަން ފެށުމާއެކުވެސް އޮޅުވާލަމުން ދިޔަ ކަމަށާއި އޭގެ ސަބަބުން ގޯތި ލިބުނު ވަރަށްގިނަ ފަރާތްތަކެއްގެ ހިތްތަކުގައި ޝައްކު އުފެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، ހުޅުމާލެ ފޭސް 3، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއި ރައީސް މިހާރު ބައްދަލުކޮށްފައިވާއިރު، ރައީސް ވިދާޅުވީ އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރު ބަދަލުވުމުގެ ކުރިން ގޯތި ނުލިބިދާނެ ކަމުގެ ބިރުވެރިކަމެވެ. އެހެންނަމަވެސް، މި ސަރުކާރު ބަދަލުވުމުގެ ކުރިން، ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން އިން ވަކިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރަޖިސްޓްރީ ހަވާލުކުރާނީ މީގެ ކުރިންވެސް ބަންޑާރަ ގޯތި ދޫކުރާއިރު ސަރުކާރުން ފުރިހަމަކުރާ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައިކަމަށާއި، އެތަންތަނުގައި އަސާސީ ހިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން، ހިއްކާ ނިމުމާއެކު ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގު ހެދުމުގެ މަސައްކަތް ފެށޭނެއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރުތެރޭ އެ މަސައްކަތް ނިމެންވާނެ ކަމަށެވެ.

މީގެއިތުރުންވެސް، ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން އެދުނު ގޮތަށް، އިމާރާތްކުރާއިރު ދޫކުރަންޖެހޭ ތަންކޮޅު ކުޑަކޮށް، ގޯތީގެ މެކްސިމަމް ސައިޒަށް އިމާރާތް ކުރެވޭނޭ ގޮތެއް ހޯދުމަށް އުސޫލު ދިރާސާ ކުރަމުންއަންނަ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ވަނީ މިހާރު، މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށްވެސް މި ސަރަހައްދުން ގޯތި ދޫކުރަން ފަށާފައެވެ. ރައީސް ވިދާޅުވީ، އެއީ އައު ވައުދެއް ނޫން ކަމަށާއި ކުރިންވެސް ޕްލޭން ކުރެވިފައި، މެނިފެސްޓޯގައި އޮތް ކަމެއް ކަމަށެވެ. އަދި މިފަހަރު ކުރިމަތިލާއިރު، ކުރިން ޖޮއިންޓް އެޕްލިކޭޝަނަކުން ލިބިފައިވާ ފަރާތަށްވެސް، އެ އެޕްލިކޭޝަނުން ނިކުމެ އަމިއްލައަށް ގޯއްޗަށް ލުމުގެ ފުރުސަތު އޮންނާނެއެވެ.

ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ރައީސް ސޯލިހު ދިޔައީ ދެވަނައަށެވެ. އެހެންނަމަވެސް، އައު ހިއްވަރަކާއެކު މިހާރު ޓީމް ބަދަލުކޮށް އަލުން ކުޅެން ނިކުމެފައިވާއިރު، ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *