ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތުން: ރައީސް

322415_00f68cbf-8_

ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށާ ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ގައުމީ ހިދުމަތުގެ އަގުވަޒަންކުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވައި، ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެކަންވެސް ރައީސް ސޯލިހުގެ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ޚިޠާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *