އިންތިހާބީ ރައީސްގެ އޮފީސް ހިނގަމުންދާނީ ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގައި!

F7rSxd4aUAAQs2u

"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ހިނގަމުންދާނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ކަމަށް ހަމަޖައްސަވައިފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިޚާބީ ރައީސްގެ އޮފީސް" މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުފައްދަވައިފައެވެ.

ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު) ގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށްޓަކައި، "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، 2023 އޮކްޓޫބަރު 5ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން، ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް އެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *