އެމްއެންޕީއާ ގުޅިގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ ނިކުންނެވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.
މިއަދު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީއާ ގުޅިގެން މަޖިލީހަށް ވާދަކުރުމާ ގުޅޭ އެއްބަސްވުމެއް އޮންނާނެތޯ އަދި އެމްއެންޕީއާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މަޖިލީހުގައި ވާދަކުރައްވާނެތޯ އަބްދުއްރަހީމްއާ ނޫސްވެރިން ސުވާލު ކުރައްވާފައިވާއިރު، އެ ސުވާލުތަކަށް އަބްދުއްރަހީމް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވީ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ހައިސިއްޔަތުން ކަމަށާއި، މިގޮތުން ޖަވާބު ދެއްވާނީ އެކަމާ ގުޅޭ ސުވާލުތަކަށް އެކަނި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ ނިކުންނާނީ އެކުގައި ކަމަށް އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން މިހާތަނަށް ޕީޕީއެމް އަދި ޕީއެންސީންވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.