ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިމާވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑްކްރެސެންޓުން އެމަރޖެންސީ ފަންޑެއް ހުޅުވައިފިއެވެ.
ދިވެހި ރެޑްކްރެސެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަންޑު މެދުވެރިކޮށް ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން މި މަހުގެ 10 ވަނަ ދުވަހު ނެރެފައިވާ ޕްރިލިމެނަރީ އެމަރޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށް އެހީތެރިވުމަށް ކަމަށެވެ.

މިގޮތުން ފުރަތަމަ އެހީ އަދި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނާއި އުޅަނދުތަކަށް ބޭނުންވާނެ ތެލާއި މިނޫންވެސް ހަރަދުތައް ހިމެނޭ ކަމަށާއި، އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށްވެސް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިވެހި ރެޑްކްރެސެންޓުން ކުރާ މަސައްކަތުގައި ވަކިވަކި ފަރުދުންނާއި، ދިވެހި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ދެއްވާ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް ރެޑްކްރެސެންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.