ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިއަދު އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވީ، މަޖިލިސްގެ އިދާރާގެ ނިންމުމަކާ ގުޅިގެން މަޖިލިސް ގަސްތުގައި މިއަދު ހުއްޓުވާލީ ކަމަށާއި، ޕީޖީ ގްރޫޕްގެ ނިންމާ އެއްގޮތަށް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ދެވަނަ ބާރަށްވާއިރު މަޖިލިސް ހުއްޓިގެން ނުވާނެ އަދި މަޖިލީހުގެ މަސައްކަތް ހުއްޓޭ ގޮތަށް މަޖިލީހުގެ އެއްވެސް ގަވައިދެއް މާނަ ކުރެވިގެން ނުވާނެ" ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދުގެ ޖަލްސާގައި އަމީން އާންމުގެ ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވާތީ، އެކަމަށް ޗެލެންޖުކޮށް ކަމަށެވެ.
މިގޮތުން ސުޕްރީމް ކޯޓުގައި އެދިފައި ވާނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނަ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް ހާޒިރުނުވާ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރަން ކަނޑައަޅުއްވައިދެއްވުމަށާއި، އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދިޔުމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށްވެސް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުވުމުގެ ޒިންމާއާ ހަވަާލުވެވަޑައިގެން ހުންނެވި އީވާ އަބްދުﷲ ވަނީ ސަލާމް ބުނެއެވެ. މިކަމާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ ޖަލްސާ މިއަދު ކުރިޔަށް ނުގެންދިޔައީ ރާވައިގެން ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިޔަށް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށެވެ.