ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓު 29 އޮކްޓޫބަރު 2023 ވީ އާދީއްތަ ދުވަހު އާންމުކޮށްފައިވާ ކަމަށާއި، އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ " ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" އިން ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ލިސްޓު އިލެކްޝަންސްގެ ވެބްސައިޓު (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުން 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، info@elections.gov.mv އަށް އީމެއިލް ކުރައްވައިގެން ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
މީގެއިތުރުން އިލެކްޝަންސް އިން ބުނީ، ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، އަދި ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު ((PPR space ID-Number Send to 1414 އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށެވެ.