ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރާތީ، އެމްޑީޕީ މެމްބަރުން އިހުތިޖާޖުކުރަނީ!

Screenshot 2023-10-31 094159

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ނުކުރާތީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެމްޑީޕީ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުން އަންނަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ނުކޮށް، ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް މިއަދަށް އެޖެންޑާ ކުރުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ދެ ދުވަހު އެޖެންޑާ ކުރި ނަމަވެސް، އެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. މިގޮތުން އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

މިއަދު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ބަލަހައްޓަން މަސައްކަތް ކުރި ނަމަވެސް، އެ ފުރުސަތު އެމްޑީޕީ މެމްބަރުން ދީފައެއް ނުވެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަަޖިލިސްގެ އެއްވެސް އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލައިގައި މަޖިލީހުން ގޮތެއް ނުނިންމޭތީ، މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލަ އިއްޔެ ސުޕްރީޟް ކޯޓުން ވަނީ ބަލައިގަނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *