މާލެ-ހުޅުމާލެ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
މާލެ-ހުޅުމާލެ ލިންކް ރޯޑުގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނެގުމަށްފަހު އެހެން ދެ ރަށެއްގައި އިންސްޓޯލް ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ 2017 ގައި މިހާރުގެ އިންތިޚާބީ ރައީސް ޑރ.މުއިއްޒުގެ ކެބިނެޓް ވަޒީރެއްގެ ގޮތުގައި ހިމެނި ވަޑައިގެންނެވި ރައީސް ޔަމީނުގެ ސަރުކާރުގައި ކަމަށާއި، މި މަޝްރޫޢުގެ އެކުލަވާލައިކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި ނަގަންޖެހޭ ހުއްދަތައް ނަގާފައި ވަނީ ވެސް 2017 އައި 2018 އާއި ދެމެދުގައި، އޭރުގެ ސަރުކާރުގައި ކަމަށެވެ.
ލިންކް ރޯޑުގެ ސޯލާ މަޝްރޫޢުއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާތަނަށް ކުރިއަށް ގެންދެވުނު ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓަށްވާއިރު، މިއީ 2010 އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށުނު ޙަރަކާތްތަކުގެ ތެރޭން އެންމެ ފުރަތަމަ އެކުލަވާލެވުނު މަޝްރޫޢުތަކުގެ ތެރެއިން ރާއްޖެއަށް ލިބެމުން އަންނަ އިންވެސްޓްމަންޓެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
"ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެއަށް ލިބެންއޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަމަކަށް" އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫޢުއަކީ ވަރލްޑް ބޭންކުން ގެރެންޓީ ފެސިލިޓީތައް ފޯރުކޮށްދީގެން ޕްރައިވެޓް ސެކްޓަރ ފައިނޭންސް މެދުވެރިކޮށް، ސަރުކާރުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ހިންގޭ މަޝްރޫއެއްކަން ފާޙަގަކޮށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެއް ސަރުކާރުން ފަށާ ޤައުމީ ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލާ ކުރިއަށްގެންދިއުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަންޖެހޭ އަސާސެއްކަމަށް ދެކި މި މަޝްރޫޢު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާއެއްގޮތަށް މިހާރުގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.
މީގެއިތުރުން މި މަޝްރުޢޫގެ ދަށުން ލިންކް ރޯޑުގައާއި ހުޅުމާލެ ބައެއް ފުލެޓްތަކުގެ ފުރާޅުގައި ހަރުކޮށްފައިވާ ޖުމްލަ 5.6 މެގަވޮޓުން އުފެއްދޭ ސާފު ހަކަތައިން އަހަރަކު ގާތްގަނޑަކަށް 12000 ފީފާ ތެޔޮ ނައަންދާ ސަލާމަތް ކުރެވޭނެ ކަމަށާއި، އަދި މީގެ ސަބަބުން އަހަރަކު ތެލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓުން ބުނެއެވެ.
"މި މަޝްރޫޢުގެ ދަށުން ލިންކު ރޯޑުގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯ އަށް ވިއްކުމަށް ހަމަޖެހިފައިވަނީ 10.9 އެމެރިކާ ސެންޓަށް. ކަރަންޓު ޔުނިޓެއް މިއަދުގެ ތެލުގެ އަގުން ބަލާނަމަ ސްޓެއް ސްޓެލްކޯގެ އިންޖީނުގެއިން އަމިއްލަ އުފައްދާނަމަ ގާތްގަނޑަކަށް 34 އެމެރިކާ ސެންޓް ޚަރަދުވޭ. އެހެންކަމުން، މި ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓުގެ ސަބަބުން ކަރަންޓް ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވޭ" އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި މާލެ ސިޓީގެ ކަރަންޓު ވިއުގައާ ގުޅުވާލަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑުގައި އިންސްޓޯލްކޮށްފައިވާ ޕެނަލްތައް ނަގާނެކަމަށް ބުނުމަކީ، އޭގެ ސަބަބުން ދައުލަތައް މާލީ ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަން ފާހަގަކޮށް އެންވަޔަރަމަންޓުން ބުނީ، ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އަދި މީގެ އިތުރުން، ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށެވެ.
"ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ، ހިޔާ ލިބޭގޮތަށް އޭގެ ދަށް ސަރުކާރުން ކަނޑައަޅާ އުސޭލެއްގެ ދަށުން އެކި އެކި އިޖްތިމާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް. އަދި ސޯލާ ސްޓްރަކްޗަރތައް ފެހިކޮށް ރީތި ލޭންޑް މާރކެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށް ވެސް ވަނީ ޕްލޭންތައް ކުރެވިފައި" އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
ކަރަންޓު އުފެއްދުމަށް ސަބްބިޑީގެ ގޮތުގައި ކުރާ ހޭދަކުޑަކުރުމަށާއި، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ކަރަންޓުގެ އަގު ހެޔޮކުރުމަށް މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މުޅިރާއްޖޭގައި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު 2018 ވަނަ އަހަރު ނިމުނިއިރު ހުރި 16.5 މެގަވޮޓު މިހާރު ވަނީ، 53.3 މެގަވޮޓަށް އިތުރުކުރެވިފައެވެ.
މީގެއިތުރުން މިހާރު ވެސް މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކް ތަކާ ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން ހިންގަމުން އަންނައިރު، އެކި މަރުހަލާތަކުގައި ކުރިއަށްދާ އިއާދަކުރަނވި ހަކަތައިގެ މަޝްރޫޢުތައް ނިމުމުން އިތުރު 67.8 މެގަވޮޓު ގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއވެެ. އަދި މި މަސައްކަތްތައް ނިމުމުން އިއާދަކުރަނިވި ހަކަތައިގެ ގާބިލުކުން ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވިގެންދާނެ ކަމަށާއި، ތެލަށް ކުރާ ހޭދައިން އަހަރަކު 1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ސަލާމަތް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.