ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ނިންމަވައިފި

325642_8c9fa0fc-b_

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ގަވާއިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން މި ކަރުދާހުގައި ފާހަގަކޮށްފައިވާއިރު، މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްގީކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން، އަދި މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުކުރުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބި ފަތުރުވެރިކަމުގެ އައު ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިގްތިސާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުންވެެސް އެ ކަރުދާހުގައި ހިމެނެއެވެ.

މީގެއިތުރުން މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަޙައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތަޢާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ގަވާއިދާއި، އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ސޯލިހު މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެއެވެ. އެގޮތުން އެ ޒޯން ކަނޑައަޅުއްވާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް ޢުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނޭ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *