އީވާ ސަލާމް ފޮނުވުމުން މިއަދުގެ ޖަލްސާވެސް ކެންސަލް!

GkuOADwA6DghxdG0YFiGPCVaZy6UaWyTBBAMwxAW

ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ސަލާމް ބުނުމުން، މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އީވާ ސަލާމް ފޮނުވުމުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް މި ހަފްތާގައި އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ބޭއްވިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާ ޖަލްސާއެއްގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބުރައީސްއެވެ. މިގޮތުން އީވާ މަޖިލީހަށް ސަލާމް ފޮނުވައި، ހާޒިރުވެވަޑައިނުގަންނަވަނީ އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވާތީ ކަމަށް މައްސަލަ ހުށަހެޅި އެމްޑީޕީން ތުހުމަތު ކުރެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް، މަޖިލީހުގައި އިތުރު މަސައްކަތްތައް ކުރިޔަށް ގެންދަން އިއްޔެ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ މަޖިލިސް ހުއްޓުވާފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނިންމުމާ އެއްގޮތަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިވެސް ގަނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *