ނަޝީދުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރަން އެމްޑީޕީން އެދިއްޖެ

8ef3938e-a206-47c4-b2a7-b1502b7dc3d7

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށް، ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދިއްޖެއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދިފައި ވަނީ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިޔަށް ގެންދެވޭނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމައިގެން ކަމަށާއި، މިގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުމުގެ ގޮތުން މާދަމާއަށް ޖަލްސާއެއް ބާއްވައިދިނުމަށެވެ.

އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހުގެ އިތުރުން ހޯމަ ދުވަހަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް މައްސަލަ ކުރިޔަށް ނުގެންދެވުނީ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމުންނެވެ. އީވާ ވަނީ އަންގާރަ އަދި ބުދަ ދުވަހުވެސް މަޖިލީހަށް ސަލާމް ފޮނުއްވާފައެވެ.

މިގޮތުން މަޖިލީހުގެ އެއްވެސް މަސައްކަތެއް މިވަގުތު ކުރިޔަށް ނުދާއިރު، އެމްޑީޕީން ބުނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ހުރަސް އަޅަނީ ނަޝީދު ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަމަށް މަޖިލީހުގެ އަމީންއާންމުވެސް އެއްބާރުލުން ދޭ ކަމަށް އެމްޑިޕީން ތުހުމަތު ކުރެއެވެ. އަދި އީވާ ސަލާމް ފޮނުއްވަނީވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ކަމަށް އެމްޑީޕީން ބުނެއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވާއިރު، މައްސަލައަށް ވަންނާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *