މެމްބަރުންގެ އިމްތިޔާޒަށް އަފީފް އަރައިގަތް މައްސަލަ ބަލަން ފަށައިފި

Screenshot 2023-11-12 123724

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އަރައިގަތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލަން ފަށައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، މައްސަލަ ހުށަހަޅާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އަފީފް ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައި ވަނީ މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، މެމްބަރުންގެ އިމްތިޔާޒް ގެއްލޭ ގޮތަށް ގަވައިދާ ހިލާފަށް އަފީފް އެ މައްސަލަ ބޭރުކޮށްލުމުން ކަމަށް އެމްޑީޕީން ބުނެއެވެ.

ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދު ދެވަނަ ފަހަރަށް އެޖެންޑާކޮށް 11:30 ގައި ބޭއްވުމަށް މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވަނީ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ މަޖިލިސް ނިންމާލާފައެވެ. އޭނާ ވިދާޅުވީ ކުރީގެ ޖަލްސާގައި މައްސަލަ ބޭރުކޮށްލާފައި އޮތުމުން މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ނަޝީދުގެ މައްސަލަ އެކި ފަހަރު މަތިން ބާއްވައިގެންވެސް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ މެމްބަރުން ފުރުސަތެއް ނުދެއެވެ. ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު މިހާރު ނިސްބަތްވާ ޕާޓީ ކަމަށްވާއިރު، އެ ޕާޓީން ވަނީ މުޅި މަޖިލިސް ހުއްޓުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *