ބަޖެޓް ހުށަހަޅާ ޖަލްސާއަށް ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފި

Y0LJeIClGVdQOwz2boxnnILOzdctEiuPPHRHPUea

މި އަހަރަށް ލަފާކުރާ ސަޕްލިމަންޓްރީ ބަޖެޓްގެ އިތުރުން ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް މިއަދަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފިއެވެ.

މިއަދު ހެނދުނު 09:00 ޖެހިއިރު ބޭއްވި ޖަލްސާގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިއަދު ބަޖެޓް ހުށަހެޅުމަށް އެޖެންޑާކުރި ޖަލްސާއަކީ ވަރަށް މުހިންމު ޖަލްސާއެއް ކަމަށާއި، ޖަލްސާއަށް ކޯރަމް ހަމަނުވިޔަސް ޖަލްސާ މިއަދު ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަސްތެއް ނުކުރަން މިއަދުގެ ޖަލްސާ ނިންމާލާކަށް. އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ކުރިޔަށް ގެންދަން. މަޖިލީހުގެ މެމްބަރުން ކުޑަދޮށުގައި އެބަތިބި. ކޯރަމް ހަމަނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބަޖެޓް ހުށަނާޅައިފިނަމަ އާ ސަރުކާރަށް ދަތިތައް ކުރިމަތިވާނެ" މަޖިލީހުގެ ނައިބްރައީސް އީވާ ވިދާޅުވިއެވެ.

މަޖިލީހުގައި ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އެޖެންޑާ ކޮށްފައި މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރަމުން އަންނަ ޑިމޮކްރެޓްސްއިން ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ 49 މެމްބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް އެއްބާރުލުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *