ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީއެފްއެސް މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިއްޔެ އިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީއެފްއެސް މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން 1 މާރިޗު 2020 ގައި ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (VFS Malé) އެއް މާލޭގައި ވަނީ ހުޅުވިފައިވާއިރު، އެ ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުސަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދި ކަމށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޝެންގަން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑް އިން 21 އޮގަސްޓް 2023 ގައި ވަނީ ގުޅިފައިކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ، އެ ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެއެވެ.