ހާރިޖީ ސިޔާސަތު ބައްޓަންކުރީ ރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރުމުގެ މައްޗަށް: ރައީސް

F-yyMlRa8AA9ST_

މިދިޔަ ފަސް އަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިދާޅުވީ، މިސަރުކާރު އައިއިރު، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލުން ގުޅުން ޤާއިމުކޮށް، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ދިވެހިރާއްޖެއަށް އަލުން އަނބުރާ އިތުބާރާއި ޔަޤީންކަން ހޯއްދެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ ހައިސިއްޔަތުން މިނިސްޓަރ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޚާރިޖީ ޚިދުމަތުގެ ދާއިރާއަށް މިސަރުކާރުން މުހިއްމު ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިވިލް ސަރވިސްގައި ނުހިމެނޭ މުޅިން ވަކި ޚިދުމަތެއްގެ ގޮތުގައި، ޚާއްޞަ ޤާނޫނަކުން ބާރު ލިބިދޭ ޚިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސަރވިސް އުފެއްދުމުގެ މަޤުޞަދަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ޚާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި، އެންމެ ފުރިހަމަ މާނައިގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެހީތެރިވެދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ޤައުމުތަކެއް ފުރަބަންދުގެ ޙާލަތުގައި އޮތް އިރު، ޚާރިޖީ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ ޚާރިޖީ ދާއިރާ އިތުރަށް ތަރައްޤީވެ، ބައިނަލްއަޤުވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *