ޑރ.މުޢިއްޒު، ރާއްޖޭގެ ރައީސްކަމުގެ ޤާނޫނީ ހުވައި ކުރައްވައިފި

327655_9cc22b03-0_

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޤާނޫނީ ހުވައި ކުރައްވައި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ޤާނޫނީ ހުވައި މިއަދު ކުރައްވައިފިއެވެ.

މި ދެބޭފުޅުން މަގާމުގެ ހުވައި ކުރައްވާފައި ވަނީ، މިކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޑރ.މުޢިއްޒުއަށް، ރާއްޖޭގެ ރައީސްކަމުގެ ޤާނޫނީ ހުވައި، އަދި ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފަށް، ނައިބްރައީސްކަމުގެ ހުވައި ލައިދެއްވީ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާ ވިދިގެން، ޤައުމީ ސަލާން ކުޅުނެވެ. އަދި، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ސޮއިކުރެއްވިއެވެ.

ރައީސް ޑރ.މުޢިއްޒު އާއި، ނައިބުރައޯސް ޙުސައިން މުޙައްމަދު ލަޠީފުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކަމަށްވާ ރައީސް ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ރާއްޖެއިން ބޭރުގެ ޚާއްޞަ ޢިއްޒަތްތެރިންނާއި ދަޢުވަތު އަރުވައިގެން ވަޑައިންނެވި ގިނަ ޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *