ޑރ.މުއިއްޒުގެ ސަރުކާރުގައި އަންހެނުން މަދުވުމުން އެމްޑީޕީގެ ކަންބޮޑުވުން!

380652_3_31ad013461612c1adac63a18de59ae3334172885_large

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން މަދުވުމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ، ޑރ.މުއިއްޒު އެކުލަވާލެއްވި ކެބިނެޓުގައި 22 ވަޒީރުން ތިއްބެވިއިރު، ހިމެނިފައިވަނީ އެންމެ ތިން އަންހެން ބޭފުޅުން ކަމަށާއި، އެއީ ކެބިނެޓްގެ 13 އިންސައްތަ ކަމަށްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވާ، ސިޔާސީދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ކުރަމުން ދާ މަސައްކަތުގައި، 2018 އިން 2023 އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި، އެމް.ޑީ.ޕީގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށާއި، އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަފަހަރަށް ކެބިނެޓްގެ %33 ތަމްސީލުކުރައްވަމުން ގެންދެވީ އަންހެން ވަޒީރުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ކެބިނެޓުގައި ތިއްބެވި 18 ވަޒީރުންގެ ތެރެއިން 6 ބޭފުޅުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ހިތާމަޔާއެކު ފާހަގަ ކުރެވުނުކަމަކީ، ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު 3 އަންހެން ބޭފުޅުންވެސް ތިއްބެވީ ފަހަތުބަރިއަށް ލާފައިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރ ބޭފުޅެއްކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

"ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން ހިތާމަޔާއެކު ފާހަގަ ކުރަން" އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު، ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު %13 އަށް ވެއްޓުމަކީ، އަންހެނުން ސިޔާސީދާއިރާގައި ބާރުވެރި ކުރުމަށް މި ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިތަވަޅެއްކަމުގައި މި ޕާޓީގެ އަންހެނުންގެ ރޫހުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް %20 އަންހެނުން ގެނައުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވެފައިވާއިރު، އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާނުލާ، ސަރުކަަރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެމަތީ ބާރުކަމުގައިވާ ކެބިނެޓަށް، ސީދާ އެމަނިކުފާނަށް، އަންހެން ބޭފުޅުން އައްޔަނުކުރެއްވެން އޮތް ފުރުސަތުގައި، އެކަންނުކުރެއްވުމަަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިހުލާސްތެރިކަމެއްނެތްކަމުގެ ހެއްކެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ، އޭގެން ވަރަށް ގޯސްމާނައެއް ދޭހަވާކަމެއްކަމުގައިވެސް ދެކެން. އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެންޖެހޭބައެއްކަމަށް ނުސީދާގޮތެއްގައި ދައްކުވައި ދިނުން. އަދި މި އަމަލާ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށްވެސް ދިމާނުވާކަން ފާހަގަ ކުރަން" އެމްޑީޕީގެ އަންހެނުން ރޫހުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުން ފަހަތައް ޖައްސަވާ، އަންހެނުންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަކީ މި ޕާޓީގެ އަންހެނުންގެ ރޫހުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫންކަމަށްވެސް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *