ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުން ނިކުމެ، ވަކިން އޮފީހެއް ހަދައިފިއެވެ.
"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ އައު އޮފީސް ހަދާފައި ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ބޭނުންކުރި "ދޮންމަނިކު ސްކައިވިއު" ގެ ތިރީގައި ހުންނަ އިމާރާތުގައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީން މިހާތަނަށް އެކުގައި އެއް އޮފީހެއްގައި މަސައްކަތް ކުރަމުން އައިސްފައިވާއިރު، ރިޔާސީ އިންތިހާބަށްފަހު ދެ ޕާޓީން އަންނަނީ ވަކިން މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވެފައެވެ.
ރައީސް ޑރ.މުއިއްޒު ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނެވީ ޕީއެންސީ މެމްބަރެއްގެ ގޮތުގައެވެ. އަދި ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިއާއެކު، ޕީއެންސީން ވަނީ އެ ޕާޓީގެ ރައީސް ކަމަށް ރައީސް ޑރ.މުއިއްޒު ހަމަޖައްސައި، ނައިބްރައީސަކަށް ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސާފައެވެ.
ޕީއެންސީ ވަރުގަދަކޮށް، ޕާޓީއަށް ޕީޕީއެމްގެ މެމްބަރުން ވައްދަމުން އަންނާތީ ޕީޕީއެމްގެ މެމްބަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް ޔާމީންއަށް ގިނަ މެމްބަރުން ވަނީ މިކަމާ ގުޅިގެން ޝަކުވާ ހުށަހާޅާފައެވެ.