ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން މެޑަމް ހުޅުވައިދެއްވައިފި

F_srVlAaEAAIv7v

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ ހޯލްގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިޔަށްގެންދާ މި އާޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވެއެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި އާޓް އެގްޒިބިޝަން ކުރިޔަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ޙައްޤުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި މުނާސަބާއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ.ގެ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވައި އަދި ވާރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މި އާޓް އެގްޒިބިޝަންގައި އެންމެ މޮޅު 15 ކުރެހުން ހޮވައި އިޢުލާންކުރުންވެސް އޮތެވެ. އާޓް އެގްޒިބިޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި އާޓް އެގްޒިބިޝަންގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *