ރައީސްގެ ޒައާމަތުގައި ނޫސްވެރިކަމުގެ ރަން ޒަމާނެއް ގެނެސްދޭނެ: ނައިބްރައީސް

330999_753a0f02-a_

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާކަން ފާހަގަ ކުރައްވައި، ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާ ކާމިޔާބީގެ ރަން ޒަމާނެއް ރައީސް ޑރ.މުއިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެކަމުގައި ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 'ނޫސްވެރިންގެ އިނާމު 2022′ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން، މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުމާއި، އޮފީސް ޚަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ޤާއިމުކޮށްދެއްވުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތަޢުލީމުދީ، ޤާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވަނީ، ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ޚަބަރެއް ފަތުރާލެވިދާނެކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ޤައުމުގެ އަގުތައް ހިފެހެއްޓުންފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި ނައިބްރައީސް ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫސްވެރިންގެ ޤައުމީ ޒިންމާ އެހެން އެއް ޒަމާނަކަށްވުރެ މިއަދު ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ. އަދި 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާކަމަށް ހޮވިވަޑައިގެންނެވި ދައުރު ނޫހުގެ އަޙްމަދު ނާއިފަށް އެމަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *