ތުރުކީގެ ނައިބު ރައީސް، ރައީސް ޑރ.މުއިއްޒުއާ ބައްދަލުކުރައްވައިފި

331118_5f17d9dd-7_

ތުރުކީގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް، ރައީސުލްޖުމްހުރިއްޔާ ޑރ،މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ތުރުކީގެ ނައިބު ރައީސް ވަނީ ރައީސް ޑރ.މުޢިއްޒަށް މަރުޙަބާ ވިދާޅުވެ، މަގާމާ ޙަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި ތުރުކީވިލާތުގެ ނައިބު ރައީސް ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާމެދު ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު، ތުރުކީވިލާތުގެ ނައިބު ރައީސަށް ރައީސް ޑރ.މުއިއްޒު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ޣައްޒާގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކޮށް، އެ ޤައުމުގެ އިސްތިޤުލާލުގެ ދިފާއުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޙައްޤު މަސައްކަތަށް ދިވެހިރާއްޖެއާއި ތުރުކީވިލާތުން ފުރިހަމަ ތާއީދު އޮތްކަން ރައީސް އާއި ތުރުކީވިލާތުގެ ނައިބު ރައީސް ތަކުރާރު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީގެ ނައިބު ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ދޭދޭ ގުޅުން ޤާއިމް ކުރެވުނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް ޑރ.މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *