މާވެޔޮ މިސްކިތް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނެގުމަށް ނިންމައިފި

5bda9b97-1ccb-4f26-8ba1-6615b4d74b68

މާލޭ މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރު އެތަނުން ނެގުމަށް ސްޓެލްކޯގެ އައު މެނޭޖިން ޑައިރެކްޓަރު ހުސެއިން ފަހުމީ ނިންމަވައިފިއެވެ.

ސްޓެލްކޯގެ އެމްޑީއަކަށް މިއަދު ހަމަޖެއްސި ފަހުމީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ގަޑިއިރުތެރޭ ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީ ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ މިކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވައި، އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

މި އަހަރު ނިމުމުގެ ކުރިން މަގުމަތިން ޓްރާންސްފޯމަރު ނަގާނެކަމުގެ ޔަގީންކަން ފަހުމީ މިއަދު ދެއްވާފައިވާއިރު، އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޓްރާންސްފޯމަރާ ހެދި އާންމުންނަށް ވަމުންދާ އުނދަގޫތަކަށް ފަހުމީ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

"ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން" ފަހުމީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *