ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދެ ލައްކަ ރުފިޔާ ދިނުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު އަހުމަދުއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ހުށަހަޅުއްވައިފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ބައްދަލުވުމެއްގައި ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރައްވާ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ހަރަދު ގޮތުގައި ދެ ލައްކަ ރުފިޔާ އެ ފްލެޓްތަކުގެ ވެރިފަރާތަށް ދެއްވާނެ ކަމަށެވެ.
މިގޮތުން އަލީ ނިޔާޒްގެ ސުވާލުގައި ހިޔާ ފްލެޓްގެ ފިނިޝިންއަށް ހިނގި ހަރަދުގެ ގޮތުގައި ފްލެޓްތަކުގެ ވެރިފަރާތަށް ދޭން ރާވަފައި އޮތް ގޮތުގެ ތަފްސީލާއި، އެ ފައިސާ ދިނުމަށް ކަނޑައަޅާފައި އޮތް މުއްދަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަލީ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބްގެ ފުރަތަމަ ބުރުގެ ކެމްޕެއިންބައްދަލުވުމެއްގައި ރައީސް ޑރ.މުއިއްޒު ވައުދުވެފައިވާ ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދެއްވާނެކަމަށް ވިދާޅުވެފައިވާއިރު، މިފަހަރުގެ ބަޖެޓްގައި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހިމަނާފައި ނުވާ ކަމަށެވެ.
ހިޔާ ފްލެޓްތަކާ ގުޅޭގޮތުން މިނިސްޓަރު ހައިދަރުއާ ސުވާލު ކުރުމަށް ހުށަހަޅާފައިވާއިރު، ދިރާސީ އާ އަހަރު ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މަޖިލީހަށް ހާޒިރު ކުރުމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.