އަފްޣާން ރެފިއުޖީން ފޮނުވާލަނީ އުނދަގޫ ދުވަސްތަކެއް ކުރިމަތީގައި އޮއްވާ!

Screenshot 2023-11-29 175039

ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ރެފިއުޖީއިން އަނބުރާ ޤައުމަށް ފޮނުވާލަމުންދަނީ އެމީހުންނަށް ދަތި ދުވަސްތަކެއް ކުރިމަތީގައި އޮއްވާކަމަށް ބުނެ، ދުނިޔޭގެ ކާނާޔާ ބެހޭ ޕްރޮގްރާމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުގެ ފަރާތުން އަފްޣާނިސްތާނުގައި ހުންނަވާ އެންމެ އިސްވެރިޔާ ސިއާއޯ-ވެއި ލީ ވިދާޅުވީ ޕާކިސްތާނުން މިލިއަނެއްހާ ރެފިއުޖީއިން އަނބުރާ އަފްޣާނިސްތާނަށް ފޮނުވާލާއިރު، ކުރިއަށް އޮތީ ފިނި މޫސުންކަމަށެވެ. އަދި އަނބުރާ ގައުމަށް އައިސް، ފިނިމޫސުމާ އެމީހުން ކުރިމަތިލާނީ ވަރަށް ދަތިހާލުގައިކަން އޭނާ ފާހަގަކުރިއެވެ. ފަރުބަދަތައް ގިނަ އަފްޣާނިސްތާނުގައި ފިނި މޫސުމަކީ ވަރަށް އުނދަގޫ ދުވަސްތަކެކެވެ. އަނބުރާ އަންނަ ރެފިއުޖީންނަށް މަރުހަބާ ކިޔަން އަފްޣާނިސްތާން ތައްޔާރު ވެފައި ނެތްއިރު، އެމީހުންނަށް އަނބުރާ އައިސް ދިރިއުޅޭނެ ތަނެއް ނެތެވެ.

ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ރެފިއުޖީން ގަދަކަމުން ފޮނުވާލާ، އަންނަ ޖެނުއަރީ މަހަށް އޮޕަރޭޝަން ނިންމާލަން ޕާކިސްތާނުން މަސައްކަތްކުރަމުންދާއިރު، މިއީ ލާއިންސާނީ އަމަލެއްކަމަށްބުނެ، އެކަން ހުއްޓާލުމަށް އދ އާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ. އަދި ވަކިން ޚާއްސަކޮށް ފިނި މޫސުމާ ދިމާކޮށް އެކަން ނުކުރުމަށް އދއިން ވަނީ ޕާކިސްތާނަށް ގޮވާލާފައެވެ.

އަނބުރާ އަންނަ ރެފިއުޖީންނަށް އެހީވުމަށް މަދުވެގެން 10 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އދގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ވަނީ ބުނެފައެވެ. އަނބުރާ އަންނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ނުދެވިއްޖެނަމަ ސިއްހީ ކާރިސާއެއް ހިނގުން ކައިރިކަމަށް އދ އިން ވަނީ އިންޒާރު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *