ކުށްކުރުމާއި މާރާމާރީ އިތުރުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

hashishff

ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި، މާރާމާރީތައް އިތުރުވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކުށް ކުރުމާއި މާރާމާރީތައް އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީއިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ، އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށާއި، މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށެވެ.

"ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ. މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުން" އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން އެމްޑީޕީން ފާހަގަކުރާ ކަމަށާއި، އެއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަސް ކަމަށްވެސް އެމްޑީޕީން ބުނެއެވެ. އަދި ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށްވާއިރު، އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މީގެއިތުރުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *