ނައިބްރައީސް ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

333202_e0396a2d-1_

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ނައިބްރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75″ ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ނައިބްރައީސް ވަނީ، ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ "ހިއުމަން ރައިޓްސް 75″ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަހަމަކަންކަމަށާ އަދި ބައިބައިވުމަށް ފުރުޞަތެއް ނެތްކަމުގައި ވިދާޅުވެފައެވެ.

ހަމަ އެއާއެކު ނައިބްރައީސް ވަނީ ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަރ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75″ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައި، ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި ހަރަކާތުގެ ހަވާސާގައި، ނައިބްރައީސް ވަނީ އެހެން ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި އ.ދ.ގެ އިދާރާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

ނައިބްރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން ޗައިނާއަށް ވަޑައިގެން، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *