އެމްޕީއެލްގެ ހިތަދޫ ރީޖަނަލް ޕޯޓަށް ސީއީއޯ ވަޖީހު ޒިޔާރަތް ކުރައްވައިފި

GBOY4upbcAAptT-

ހިތަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވައި، މުވައްޒަފުންނާއި ބައްދަލުކުރުމުގެ ގޮތުން އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް އިބްރާހިމާއި ސީނިއާރ މެނޭޖްމަންޓްގެ ޓީމެއް ހިތަދޫ ރީޖަނަލް ޕޯޓަށް ޒިޔާރަތްކުރައްވައިފިއެވެ.

މިއީ އެމް.ޕީ.އެލްގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގަތް ފަހުން، ހިތަދޫ ރީޖަނަލް ޕޯޓަށް ސީއީއޯ ވަޖީހް ކުރެއްވި ފުރަތަމަ ޒިޔާރަތަށްވާއިރު، މި ޒިޔާރަތުގައި ސީއީއޯ ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، އެ ޕޯޓުގެ ހާލަތާ ގުޅޭ މަޢުލޫމާތުތައް ހޯއްދަވައިފައެވެ.

ސީ.އީ.އޯ ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައި، ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ދަތުރުގެ ތެރެއިން ސީއީއޯ ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ އެމަރޖެންސީ އިވެކުއޭޝަން ޑްރިލް ބައްލަވާލައްވައިފައެވެ. މި ޑްރިލްއަކީ އެމްޕީއެލްގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުއްލި ހާލަތްތަކުގެ ތައްޔާރީތައް ހަރުދަނާކުރުމަށް މެދުކެނޑުމެއްނެތި މި ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރިލްއެކެވެ. މި ޑްރިލް ކުރިއަށް ގެންދިޔައީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި އެމް.އެން.ޑީ.އެފް އަދި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ. މި ޑްރިލްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ.

ހިތަދޫ ރީޖަނަލް ޕޯޓުގައި ޤާއިމްކުރި ހެލްތު، ސޭފްޓީ އަދި އެންވަޔަރަންމަންޓް ޔުނިޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ސީއީއޯ ވަޖީހެވެ. މި ޔުނިޓަކީ ހިތަދޫ ރީޖަނަލް ޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާއިމްކުރި ޔުނިޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *