ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ތަންޑު އަޅުވާނަން: ރައީސް

333635_a9a7f96b-d_

ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާއިރު މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، އަދި ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ.

"ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއް ބަންދުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން މިފަދަ ސައިޓުތަކަށް ނުވަދެވޭ ގޮތަށް މުޅިން ބަންދުކޮށްލެވޭނެ ކަން ރައީސް ޑރ.މުއިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *