އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރަން ބައްސާމް ނިންމައިފި

big_NuMIM5IchI4N5xDFrBG2f0xw3

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ވާދަނުކުރަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.

އެފްއޭއެމްގެ މީޑިއާ ގްރޫޕަށް ބައްސާމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުޓުބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެވެސް އުންމީދެއް ކަމަށާއި، އެކަން ހާސިލް ކުރުމަށް އެތަކެއް މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ދިވެހި ފުޓުބޯޅަ އައު ޒައާމަތެއްގެ ގިޔާދަތުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭތީ ކުރިޔަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށެވެ.

"އެފްއޭއެމްގައި އެކިއެކި ހައިސިއްޔަތުން އެތައް ކާމިޔާބީއަކާއި އަދި ކުޅިވަރުގެ ކަންކަން ހިންގާ ބީދައިން އެތައް ނާކާމިޔާބީއަކާ އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ވަނީ ކުރިމަތިލާފައި. އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރަހައްދީ މުބާރާތްތަކުން ސީނިއާ އަދި ޖޫނިއާ ޓީމުތަކުންވެސް ވަނީ ނުހަނު ގިނަ ކާމިޔާބީތައް ހާސިލްކޮށްފައި. ފުޓުބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ފެނައުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އަދިވެސް ކުރަން ހުރި ކަންކަން އެބަ ހުތި" ބައްސާމްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމަކީ އޭނާގެ މަސްއޫލިއްޔަތެއްކަމުން އިންތިހާބުގެ ކަންކަން އިލެކްޓޯރަލް ކޮމިޓީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދެވޭނެ ކަމަށާއި، އަދި އިދާރީ ހިންގުމުގެ ކަންކަން ނައިބްރައީސް އާއި ޖެނެރަލް ސެކެޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމަކުން އެ އެސޯސިއޭޝަންގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ސޮއި ހަމަކޮށްފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *