ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒުހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފަށައިފި

1b10a64e-ed19-42a0-a591-aaf93e05449c

ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒު ހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅީ 2010 ވަނަ އަހަރެވެ.

ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަރކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާއިއެކު، މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން ހުއްޓާލައި، އެ ޖަނަރޭޓަރުސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބައު އިންޖީނުގެއަށް ބަދަލު ކުރެވިފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ މާނައިގައި ލިބެމުންދާނެ ކަމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާންމަސް އަންނަން ވާއިރަށް މަގުހުޅުވާލެވޭނެ. އަދި ހަމަ އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ފަހުމީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދު މިއީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށާ ދުވަސް ކަމަށާއި، މި މަސައްކަތުގެ ބުރަކަން އިހުސާސްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި، މިއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ބުނީ، ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށާއި، އޭގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *