"ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފްތިތާހް ކޮށްދެއްވައިފި

333784_3ee8e89c-e_

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ "ރަސްމާލެ" ބިންހިއްކުމުގެ މި މަޝްރޫއު އިފްތިތާހްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ފުށި ދިއްގަރު ފަޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސް ޑރ.މުއިިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. އަދި ރަސްމާލެ ވެގެންދާނީ  ޒީރޯ ކާބަން ސިޓީއަކަށް ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދާއިރު، މިއަދު ހިއްކަން ފެށީ 29 ހެކްޓަރުގެ ބިމެވެ. އެއީ މަޝްރޫއުގެ ހިއްކަން ކަނޑައަޅާފައިވާ ބިމުގެ އެންމެ 2.9 އިންސައްތަ ކަމަށްވާއިރު، ބާކީ 97.1 އިންސައްތަ ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ތަފްސީލްތަކާއި، މަޝްރޫއަށް ހަރަދުވާނެ ފައިސާ މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *