މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ހިންގޭނެ ގޮތް ހެދީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ،
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ގުރައިދޫގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ގެސްޓްހައުސް ރަށްރަށުގައި ހިންގުމަށް ލާޒިމް ކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން ކަމަށެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ގުރައިދޫ، ގުޅި އަދި މާފުށީގައިވެސް ވަރަށް ބާރަށް ކުރިއަރައިގެންދާ ކަމަށާއި، ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން ދަތުރުފަތުރުގެ ނިޒާމާއި އެހެނިހެން ބޭނުންތެރި ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މިކަންކަން ހުއްޓުނަ ނުދީ ކުރިޔަށް ގެންދިއުމަށްޓަކައި ވެރިކަމުގައި ތިބުން މުހިންމު ކަމަށާއި، ވެރިކަމުގައި ނެތި ބޭނުންވާ ތަރައްޤީ ނުހޯދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.