މޮރިޝަސް ސިޓީގައި ކަނޑުން ބައެއް ދޫކޮށްލާ ވާހަކައެއް ނެތް!

350393_4_54d0881f1d271eb73115c5a0cfb7d204b1fa4d03_large-1024x661

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް މިދިޔަ އަހަރު ފޮނުއްވި ސިޓީ ސަރުކާރުން މިއަދު އާންމުކުރިއިރު، އެ ސިޓީގައި ކަނޑުން ބައެއް ދޫކޮށްލި ވާހަކަ ނެތްކަން ހާމަވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔަނަކާއެކު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީ އާންމުކޮށްފައިވާއިރު، އެ ސިޓީއަކީ މިދިޔަ ސެޕްޓެމްބަރު މަހު ލީކްވި ސިޓީއެވެ. ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ސްޓޭންޑް ދަމަހައްޓާނެ ކަމަށާއި، އެ ސްޓޭންޑަށް ބަދަލު ނުގެންނާނެ ކަމަށެވެ.

މީގެއިތުރުން ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖޭން ބަލައިގަންނަ ކަމަށާއި، އެގޮތަށް ނިންމީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށް ވާތީ ކަމަށްވެސް ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ތުހުމަތުކުރީ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅަކީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް ހެދި ޑީލެއްގެ ދަށުން ފޮނުއްވި ސިޓީއެއް ކަމަށެވެ. މިގޮތުން އިޓްލޮސް އިން މިދިޔަ އޭޕްރިލް މަހު ކަނޑުން ފުށުއަރާ ސަރަހައްދު ބަހަން ނިންމީ އެ ސިޓީފުޅުުގެ ސަބަބުން ކަމަށްވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބުނަމުންދިޔައެވެ.

ނަމަވެސް ސަރުކާރުން އޭރު ވަނީ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *