މުސާރަ ބޮޑުކުރަން ނިންމީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން: މެމްބަރު ޔާސިރު

I7m7CJ0jjeQVqRyp0YPdGtSX2BC7O8mZQKHXPnd1

ސަރުކާރުގެ އިސް ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އެމްޑީޕީ މެމްބަރުންގެ އަމިއްލަ އެދުން ބޮޑުވެގެން ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަަތީފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޔާސިރު ވިދާޅުވީ، މުސާރަ ބޮޑުކުރުމުގެ ކަންތަކަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން މަލްޝާ އުޅުއްވުމަކީ ދެރަކަމެއް ކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު އޮންނާނީ ކޮށްފައި ކަމަށެވެ.

"ދެން މަލްސާ ތިއޮތް އުޅުއްވާގޮތެެއް، ކުރިން އެގޮތަށް އުޅެވިފައި ހުއްޓަސް ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވާއިރު އެހާބޮޑަށް ރައްޔިތުން ޑިސިވްކުރައްވަން މަސައްކަތްކުރައްވާކަށް ނުވާނެ" ޔާސިރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މި އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައުލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެކަން ފާހަގަކުރައްވާ ޔާސިރު ވިދާޅުވީ، އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ ކަމަށާއި، އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަޖިލިސް ރައީސް، މަޖިލިސް ނައިބުރައީސް، އުއްތަމަ ފަނޑިޔާރު، މަޖިލިސް މެމްބަރުން، ވަޒީރުން، ގަވަަރުނަރު، އޭޖީ، ޕީޖީ، ފަނޑިޔާރުން، ޤާޒީން، މެޖިސްޓްރޭޓުން، ވަޒީރުން، މޭޔަރުން، ރަށުރައީސުން، ކައުންސިލް ތަކުގެ މެމްބަރުން، މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުން، ނައިބުން، މެމްބަރުން، އަދިވެސް އިތުރު ބައެއް ފަރާތްތައް" ޔާސިރު ކުރެއްވި ޓުވީޓް ވިދާޅުވިއެވެ.

އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރާ ކަމަށާއި، މިހާރު ކުރެވުނީ އެމަސައްކަތް ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ. އަދި މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ ކަމަށާއި، އެކިމަޤާމްތަކަށް ކުރިއެރުން ލިބިފައިވާ އިންސައްތަ އާއި މެދު ހިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

މީގެއިތުރުން ޔާސިރު ވިދާޅުވީ، ކޮމިޓީގެ ނިންމުމަށް ހިޔާލުވެސް ދެވޭނެ ކަމަށާއި، ބަހުސް ހިންގައި ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ ކަމަށެވެ. އަދި މިއިން ކޮންމެ ނިންމުމެއްވެސް ފާސްވާނީ ތަޅުމުންކަންވެސް ޔާސިރު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *